##siteName##
 

ބެލެނިވެރިންނަށް ...

بسم الله الرحمن الرحيم

 

إن الحمد لله ، نحمده ونستعينهُ، ونستغفرهُ ونعوذُ باللهِ من شرورِ أنفسنا، وسيئاتِ أعمالنا، من يهده الله فلا مضل لهُ، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك لهُ، وأشهدُ أن محمداً عبدهُ ورسولهُ صلى الله عليه وعلى أله وأصحابه ومن تبعهم بإحسان إلى يوم الدين وسلم تسليما كثيراً، أما بعد .

 

ކުޑަކުދިންނަކީ ކޮންމެ ބައެއްގެ ތެރޭގައިވެސް ވަރަށް މުހިއްމު ޙިއްސާއެއް ލިބިގެންވާ ބަޔެކެވެ. އެހެނީ ކޮންމެ ޤައުމެއް ނުވަތަ މުޖުތަމަޢެއްގެ ކުރިމަގު ބިނާވެފައި ވަނީ ކުޑަކުދިންގެ ތަރުބިއްޔަތުގެ މައްޗަށެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ކުޑަކުދިންގެ ތަރުބިއްޔަތަށް ދެއްވާފައިވާ އަހައްމިއްޔަތަކީ ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި ދީފައިނުވާ ފަދަ ބޮޑު އަހައްމިއްޔަތެކެވެ. އެހެނީ އެއީ އުއްމަތުގެ ކުރިމަގެވެ. މުޖުތަމަޢުގެ އުޖާލާކަމެވެ. މައިންބަފައިންގެ ހިތުގެ ފިނިކަމެވެ. ލޮލުގެ އަރާމެވެ.

އެކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައެވެ. އެއީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. ޙަވާލު ކުރެވިފައިވާ އަމާނާތެކެވެ.

ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ފައިދާ ކުރަނިވި ބައެއްގެ ގޮތުގައި އެދަރިން ނެރެވިއްޖެނަމަ، އެއީ ބާއްޖަވެރި މުޖުތަމަޢުގެ ބިންގަލެވެ.

މިއަދު ދިވެހި މުޖުތަމަޢު މިދެކޭ ފަސާދައާއި ބަދު އަޚުލާޤީ ސިފަތަކުން ކުރިއަށް އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ މިއަދުގެ ކުޑަކުދިންނަށް އިސްލާމީ ފުރިހަމަ ތަރުބިއްޔަތެއް ހޯދައި ދިނުމެވެ.

ރަނގަޅުގޮތުގައި އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމަށްފަހު މުޖުތަމަޢަށް ނެރޭ ކުއްޖާ ވެގެން ދާނީ އޭނާގެ މައިންބަފައިންނަށް މި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ ސަބަބަކަށެވެ. އެހެނީ އިންސާނާ މަރުވުމަށްފަހު އޭނާގެ ޢަމަލުތައް ކެނޑެއެވެ. ތިންކަމަކުން މެނުވީއެވެ. އެއިގެ ތެރެއިން އެއްކަމަކީ ޞާލިޙު ރަނގަޅު ދަރިން (އިސްލާމީ އަޚުލާޤުން ޒީނަތްތެރިކޮށްފައިވާ، މުޖުތަމަޢާއި އިސްލާމީ އުއްމަތަށް ފައިދާ ކުރަނިވި ދަރިން) ދޫކޮށްފައި އޭނާ މަރުވެގެން ދިޔުމެވެ. އެ ދަރިން އޭނާ މަރުވުމަށްފަހު އޭނާއަށްޓަކައި ކުރާ ދުޢާ އެއީ އޭނާގެ ޢަމަލުގެ ފަތަށް އިތުރުވެގެންދާނެ އެއްޗެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިކަމަށް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމް މުސްލިމް ރަޙިމަހުﷲ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. " إذا مات ابن آدم انقطع عمله إلا من ثلاث صدقة جارية أو علم ينتفع به أو ولد صالح يدعو له " މާނައީ: " އާދަމުގެ ދަރިޔާ މަރުވުމަށްފަހު ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިގެން ދެއެވެ. (އެއީ) ދެމިގެންވާ ޞަދަޤާތެކެވެ. ނުވަތަ އެޢިލްމެއްގެ ސަބަބުން (އޭނާއަށާއި އެހެން މީހުންނަށް) ފައިދާކުރަނިވި ޢިލްމެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނެ ޞާލިހު ދަރިއެކެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޢިއްޒަތްތެރި ބެލެނިވެރިންނޭވެ! މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ދަރިންނަށް ފުރިހަމަ ނަމޫނާއަކަށް ވެވަޑައިގަންނަވާށެވެ. ހަތް އަހަރުގެ ޢުމުރަށް ދިޔުމުން ނަމާދުކުރުމަށް ދަރިންނަށް އަމުރުކުރައްވާށެވެ. ދިހަ އަހަރު ވުމުން ނަމާދު ނުކުރާނަމަ އަދަބު ދެއްވާށެވެ. އެއީ އަނިޔާވާފަދަ އަދަބެއް ނޫނެވެ. އެހެނަސް އެއިގެ ތަދު އިޙްސާސް ވާ އަދަބެކެވެ.

މިއަދު އަޅުގަނޑުމެންގެ ދަރީންނާއި ﷲ އާއި ދެމެދުވާ ގުޅުން މިވަނީ ހީނަރުވެފައެވެ. އޭގެ ސަބަބުން ޝައިޠާނީ ވަސްވާސްތައް ވަނީ އަޅުގަނޑުމެންގެ ދަރިންގެ މައްޗަށް ގަދަވެގެންފައެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވާ ހުރިހާ ފަސާދައެއްގެ އަޞްލަކީ ޚާލިޤުވަންތަ އިލާހާއި އަޅުތަކުންނާއި އޮންނަން ޖެހޭ ގުޅުން ހީނަރުވެ ނެތި ދިޔުމެވެ.

އެހެންކަމުން މުޖުތަމަޢުގެ އިޞްލާޙަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ އެ ގުޅުން ބަދަހި ކުރުމެވެ.

ގިނަ ގިނައިން ﷲ ހަނދުމަކުރުމެވެ. ﷲ ހަނދުމަކުރާ މީހާ، އެއިލާހު އެމީހަކު ހަނދުމަކުރައްވާނެއެވެ. އަބަދުވެސް ތިމާގެ ދޫ ﷲގެ ޛިކުރުން ތެތްކޮށްފައި ބާއްވާށެވެ. ހަމަކަށަވަރުން ހިތުގެ ހަމަޖެހުން ވަނީ ﷲ ހަނދުމަކުރުމުގައެވެ. ﷲ ހަނދުމަކުރާ މީހާއާއި ހަނދުމަ ނުކުރާމީހާގެ މިސާލަކީ ދިރިހުރިމީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ.

ﷲ ހަނދުމަކުރުންމަތީ ތިޔަބޭފުޅުން ދެމި ތިއްބަވާށެވެ! އަދި ތިޔަބޭފުޅުންގެ ދަރިންނަށް އެކަމަށް އަމުރުކޮށް އެކަމަށް ހިތްވަރު ދެއްވާށެވެ!

މި ކުޑަކުޑަ ފޮތުގައި އަޅުގަނޑު މި ހުށަހަޅާލަނީ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގައި ވާރިދުވެފައިވާ ބައެއް ދުޢާތަކެވެ.

ދުޢާތައް ހުށަހެޅުމުގައި ކުޑަކުދިންނާއި ގުޅޭފަދަ ގޮތަކަށް، އެކުދިން ޝައުޤުވެރިވާފަދަ ގޮތަކަށް ހުށައެޅުމަށް މަސައްކަތް ކުރީމެވެ.

މި ފޮތުގައި އެކުލެވިގެންވާނީ 30 ދުޢާއެވެ.

ލޮބުވެތި ބެލެނިވެރިންނޭވެ! ޢާއްމު ދިރިއުޅުމުގެ އެކި ކަންތައްތަކުގައި އުޅޭއިރު ﷲ ހަނދުމަކުރުމުން ޣާފިލު ނުވެ އުޅުމަށް އެދަރިންނަށް އިރުޝާދު ދެއްވާށެވެ. އެކަމަށް ދަރިންނަށް ހިތްވަރު ދެއްވާށެވެ. ދުޢާތައް ދަސްކޮށް އޭގެ މަޤާމުގައި ކިޔުމަށް ބާރުއަޅުއްވާށެވެ. އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ.

މުޖުތަމަޢުގެ ޅަޖީލަށް އިސްލާމީ ތަރުބިއްޔަތެއް ހޯދައިދިނުމަށް އެންމެން އެކީ މަސައްކަތް ކުރުމަށް އަތުކުރި އޮޅާލަމާ ހިންގަވާށެވެ!

الله سبحانه وتعالى އަޅުގެ މި ސަޢްޔު ޤަބޫލު ކުރައްވައި، ބަޔަކަށް ފައިދާހުރި ފޮތެއްކަމުގައި މިފޮތް ލައްވާށި! އަދި މިއީ މިއަޅާއާއި މިއަޅާގެ މައިންބަފައިންނަށް އެއިލާހުގެ ޙަޟްރަތުގައި މަންފާކުރަނިވި ކަމެއް ކަމުގައި ލައްވާށި! މި ދިވެހި މުޖުތަމަޢުގައި ﷲ އަށް ފުރިހަމަ ގޮތުގައި ކިޔަމަންވާ ޖީލެއް އުފެއްދުމުގެ ހެޔޮތައުފީޤު މިއަދުގެ ބެލެނިވެރިންނާއި މައިންބަފައިންނަށް ދެއްވާށި! އާމީން!

20 ރަމަޟާން 1429

20 ސެޕްޓެމްބަރު 2008

މުޙައްމަދު އަނީލް